މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ.

މިއަދު އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް 1341 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ގިިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ.

އެގޮތުން މި ބާވަތުގެ 125 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ޖިސްމާނީ އަނިޔާގެ 119 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 119 މައްސަލަވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 37 މައްސަލަ ހުށަހަޅާފައިވާއިރު އިހުމާލުގެ 111 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 15 މައްސަލަ، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ބަލާފައިވެއެވެެ.

މި މުއްދަތުގެ ތެރޭގައި ކުޑަކުދިންގެ އަހްލާގާއި ގުޅުން ހުރި 108 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލަ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލަ، އަދި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލަ، އަދި މިނޫންވެސް އެހެން ބާވަތުގެ 41 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.

ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 26 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ތައުލީމަށް ހުރަސްއެޅުމުގެ 4 މައްސަލަ، އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 4 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 9 މައްސަލަ އާއި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 މައްސަލައާއި، ކަރަންޓު ހިދުމަތް ކަނޑާލުމުގެ 2 މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި އިލާއާ ގުޅުންހުރި 166 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ހރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލައެވެ.

ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައެވެ. އަދި ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 80 މައްސަލައާއި، އިހުމާލުގެ 9 މައްސަލައާއި، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، މާލީ އަދި އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލައާއި، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ 3 މައްސަލައާއި، ހިފެހެއްޓުމުގެ އަމަލުގެ 2 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 14 މައްސަލައިގެ އިތުރުން، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 4 މައްސަލަވަނީ ހުށަހަޅާފައެވެ.

މި މުއްދަތުގެ ތެރޭގައި އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 94 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލަ ހިމެނެއެވެ.އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 7 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައިގެ އިތުރުން، ސްކޫލާށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައެވެ.

މީގެ އިތުރުން އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަވަނީ ހުށަހަޅާފައެވެ.