ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުއްލޯ ޖަމާއަތުގެ އިސް ކޮމާންޑަރަކު އިޒްރޭލުން އަވަހަރާކަ ކޮށްލާފައި ވާތީ ބަދަލު ހިފުމަށް އެ ޖަމާއަތުން ރޭ ފަތިހު އިޒްރޭލަށް ހަމަލާ ދޭން އުޅޭކަން އެނގި ބޮން އަޅާ 100 އެތައް ބޯޓެއްގައި ގޮސް އިޒްރޭލުން ލުބުނާނަށް ހަމަލާ ދީފިއެވެ.

މި ހަމަލާގައި ހިޒްބުއްލޯގެ އެތައްހާސް ރޮކެޓަކާއި މިސައިލެއް ހަލާކުވެގެން ދިޔަ ކަމަށާއި ވަރުގަދަ ގޮވުންތައް ގޮވާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ހިޒްބުއްލޯއިން އިޒްރޭލަށް ހަމަލާދޭން އުޅޭކަން އެނގި އިޒްރޭލުން ދުރާލައި ގަޑިއެއްހާ އިރު ކުރިން ގޮސް ލުބުނާނަށް ހަމަލާދިން ނަމަވެސް ހިޒްބުއްލޯ އިން ވަނީ 300 އެތައް ރޮކެޓެއް އިޒްރޭލާ ދިމާލަށް ފޮނުވާލާފައެވެ. އޭގެ ތެރެއިން ބައެއް ހަމަލާ އިޒްރޭލުގެ ތެރެއަށް އަމާޒުވި ނަމަވެސް މާ ބޮޑު ގެއްލުމެއް ދެވިފައެއް ނުވެއެވެ.

އިޒްރޭލުން ލިބުނާނަށް ދިން ހަމަލާތަކުގައި ހިޒްބުއްލޯގެ ބައެއް މަގާމުތަކާއި އެމީހުން ހަތިޔާރު ރައްކާ ކުރާ ބައެއް ތަންތަން ވަނީ ގޮއްވާލާފައެވެ.

މި ހަމަލާގައި ލުބުނާނުގެ ހިއާމް އިން އެކަކު މަރުވެ ގާސިމިއާ އިން މީހަކު ޒަހަމްވި ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލު ފަޅިން އެކްރޭ އިން ބައެއް މީހުން ޒަހަމްވި ކަމަށް ހަބަރުތައް ބުނެފައި ވާ އިރު ދެފަރާތުން ކުރެ ފަރާތަކަށް މާބޮޑު ގެއްލުމެއް ލިބުނުކަމަކަށް ނުބުނެއެވެ.

ހިޒްބުއްލޯ އިން ބުނާގޮތުގައި އެމީހުންގެ ހަމަލާގައި އިޒްރޭލުގެ އަސްކަރިއްޔާގެ 11 މަގާމަކަށް ވަނީ ހަމަލާ އަރާފައެވެ. އޭގެ ތެރޭގައި މެރޯން ބޭސް އާއި ގޯލާނުގެ އުސްބިންތަކުގައި އޮންނަ ބޭސްތަކުގެ ތެރެއިން 4 ތަނަކަށް ހަމަލާ އަމާޒުވި ކަމަށް ބުނެއެވެ. އިޒްރޭލުން ބުނަނީ އެމީހުންގެ ހަމަލާގައި ހިޒްބުއްލޯއިން ރޮކެޓް ފޮނުވަން ބޭނުންކުރާ 1000 އަކަށް ވުރެ ގިނަ ލޯންޗަރު ހަލާކު ކޮށްލި ކަމަށެވެ. ނަމަވެސް ހިޒްބުއްލޯ އިން ބުނަނީ އިޒްރޭލުން ހަދަނީ ދޮގެއް ކަމަށާއި ކާމިޔާބު ކަމާއެކު ހިޒްބުއްލޯގެ ހަމަލާގެ ފުރަތަމަ ފޭސް ނިންމާލެވިއްޖެ ކަމަށެވެ.

ދެފަރާތުން ބަދަލު ކުރި މި ހަމަލާތަކަށް ފަހު މިވަގުތު މަޝްރަހު އޮތީ އަމާންކޮށެވެ.