ދައުލަތުގެ މާލީ ހާލަތު ވެއްޓުނު ގޮތާއި މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އަމަލުކުރުމަށް ރާވާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު 'އެކްސް'ގައި ލިޔުއްވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު ދަށްވި ގޮތާއި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތާއި މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އަމަލުކުރާނެ ގޮތް ސާފުކޮށްދޭން ޖެހެއެވެ.

މި ކަމުގައި ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ބޮޑުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު މިފަދައިން 'އެކްސް'ގައި ލިޔުއްވީ ރާއްޖޭގެ މާލީ ހާލަތާއި އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދާ ދެމެދު 'އެކްސް'ގައި ބަހުގެ ހަމަލާތައް ރައްދުކުރެވިފައި ވަނިކޮށެވެ.

މިގޮތުން އިއްޔެ ލިޔުއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ ސަރުކާރުން ބީއެމްއެލަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމު ހަމަމަގަށް އެޅުވުމަށްޓަކައި އެގޮތަށް އެކަން ކަންކުރުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށް ލިޔުއްވައިފައެވެ. އެ ޕޯސްޓަށް ރައްދުދެއްވައި ސައީދު ލިޔުއްވި ގޮތުގައި ގަރުނަކާ ނުބައްދަލު ދަރަނި ނަގައި ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީގެ ސަރުކާރުންނެވެ.

ދައުލަތުގެ މާލީ ހާލަތު އާންމުންނަށް ސާފުކޮށްދިނުމަށް އެންމެ ފުރަތަމަ ގޮވާލެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. އޭނާ ވިދާޅުވީ، އާންމުންނަށް ދައުލަތުގެ މާލީ ހާލަތު ސާފުކޮށް އެނގެން ޖެހޭނެ ކަމަށާއި 'ހިތި ބޭޙެއް' ބޯން ޖެހެންޏާ އެކަން ވެސް އާންމުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.