ވަޅިއަކުން ބިރު ދައްކާ ފޯނެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ވާކަމަށާއި އަދި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.

މާލޭގައި މީހަކަށް ވަޅިއަކުން ބިރުދައްކައި ފޯނެއް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރީ ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ / ގދ. ވާދޫ (26އ) އެވެ. ނަމަވެސް މީނާގެ މައްޗަށް ކޯޓުން އިއްވާފައިވާ އަމުރުގައި ބުނެފައި ވަނީ، އެ ކުށަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށެވެ.

އެއްވެސް ފަރާތަކަށް މި މައްސަލައާ ގުޅިގެން އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، ފޭރުނުކަމަށް ބުނާ ފޯނު އެހެން މީހަކު އައިސް ފޯނުގެ ވެރިފަރާތަށް ހަވާލުކޮށްފައި ވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މިފަހުން ވެސް ވަނީ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަޓަރަކުން އަންހެނަކަށް ހަމަލާދީ އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއްގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި ހާދިސާގައި ބިދޭސީ އަންހެން މީހާއަށް ވަނީ ކަޓަރުން ހަމަލާ ދީފައެވެ. އެ މީހާގެ ގައިގައި ކަޓަރު އަޅާ، ބިރުދައްކައިގެން ފައިސާ ފޭރިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.