ކޮންމެ އަހަރަކު އުރީދޫ މޯލްޑިވްސްއިން ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސްގެ ގދ. ތިނަދޫ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން އިން ހޯދައިފިއެވެ.

1665.85 ޕޮއިންޓާ އެކު ގދ. ތިނަދޫ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން އިން ހޯދިއިރު ދެވަނަ އަށް ގޮސްފައިވަނީ 523.25 ޕޮއިންޓާއިއެކު ޓީމް އެމްއައިބީ އެވެ. އަދި ތިންވަނަ އަށް ގޮސްފައިވަނީ 478.85 ޕޮއިންޓާއިއެކު ހޯނޑެއްދޫ މަސްވެރިން ނެވެ. އުރީދޫ އިން ބުނީ މި މުބާރާތުގެ ެއެންމެ ބަރު މަސް ބާނާފައިވަނީ ބްލެކް އޭންޓް ފިޝިން ގެ އަބްދުﷲ ދީދީ ކަމަށެވެ. އެގޮތުން އޭނާ ވަނީ 7.15 ކިލޯގެ ހަންޖެއް ބާނާފައެވެ.

ޗެމްޕިއަން ޓީމް ބްލެކް އޭންޓް ފިޝިން އަށް އުރީދޫ އިން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޯނޑެއްދޫ މަސްވެރިން ޓީމުގެ ދައުސް ހަސަން ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވިފައިވަނީ ޓީމު އެމްއައިބީގެ އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ އެވެ.

އުރީދޫ އިން ބުނީ އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް އިތުރަށް ކުލަގަދަ ކުރުމަށް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.