ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާ މާކެޓުން އަހަރުގެ މިހާތަނަށް ޖުމުލަ 189470 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި އޮގަސްޓު މަހުގެ 21 ގެ ނިޔަލަށް ޖުމުލަ 189470 ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ 65 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް ވަނީ 187118 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،309،400 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5،620 ފަތުރުވެރިންނެވެ. އަދި އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަ ކުރެއެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،220 ފެސިލިޓީއެއް މިހާރު އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 182 ރިސޯޓާއި 879 ގެސްޓްހައުސް އާއި 153 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.