20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީ އަށް ހިނގައްޖެއެވެ.

މިރޭގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެކަން އިއުލާނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • 33 ޖަލްސާއެއް ބޭއްވުނު (75 ގަޑިއިރު)
  • ކޮމިޓީތަކުން 232 ބައްދަލުވުމެއް ބޭއްވި (190 ގަޑިއިރާއި 29 މިނެޓު)
  • ދައުރުގައި ހުށަހެޅުނު މައްސަލަތަކުގެ 82.9 މަސައްކަތް ވަނީ ނިމިފައި

ނާޒިމް ވިދާޅުވީ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި މުހިންމު މަސައްކަތްތަކެއް ކުރެވި، މުހިންމު ބިލުތަކާއި މައްސަލަތަކާ މެދު މަޖިލީހުން ގޮތް ނިންމާފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • 23 ބިލެއް ހުށަހެޅި 11 ބިލުގެ މަސައްކަތް ނިމިފައިވޭ
  • ހުށަހެޅުނު ގަރާރެއްގެ މަސައްކަތް ކުރިއަށް އެބަދޭ
  • ސަރުކާރުން ހުށަހެޅި ނުވަ މައްސަލައަކާއި ރިޔާސަތުން ހުށަހެޅި 13 މައްސަލައެއް ނިމިފައިވޭ

މީގެ އިތުރުން މި ދައުރުގައި ހުށަހެޅުނު ނުވަ ކުއްލި މައްސަލައާއި ވަޒީރުންނާ ކުރި 12 ސުވާލާ ގުޅުންހުރި މަސައްކަތްތައް ނިމިފައިވާކަން ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިރޭގެ ޖަލްސާގައި ކުރިއަށް ދިޔައީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަކިކުރުމުގެ މަސައްކަތެވެ. ނަމަވެސް ޖަލްސާ ހިނގަމުން ދަނިކޮށް ޝަމީމް ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން މީޑިއާ އާ ހަވާލާދެއްވައި ރިޔާސަތުގެ ސަމާލުކަމަށް އެކަން ގެނައި ނަމަވެސް، ނާޒިމް ތަކުރާރުކޮށް ވިދާޅުވީ ޝަމީމް އިސްތިއުފާދެއްވިކަން ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގާފައިނުވާ ކަމަށެވެ.

ޝަމީމް ވަކިކުރުމަށް ފެނޭތޯ ރިޔާސަތުން އެހުމުން ވޯޓުގައި ބައިވެރިވި 75 މެންބަރުންގެ ތެރެއިން އޭނާ ވަކިކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު ވެސް އިންނެވިއެވެ.

އެކަމަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ޕްރޮސެކިއުޓަރު ޖެނެރަލް މަގާމުން އިސްތިއުފާދެއްވާތާ ނުވަތަ ވަކިކުރާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހޭ ކަމަށާއި، އެހެންވެ އެ މަސައްކަތްކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާ އެއް ބާއްވަން ޖެހޭ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވުމުން އެ ނަންތައް ބަލައިގަތުމަށް ބާއްވާ ޖަލްސާ އާއި ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ހުށަހަޅާ ނަންތައް ފާސްކުރުމަށް ބާއްވާ ޖަލްސާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ޖަލްސާ ބޭއްވުމުގެ ތިން ދުވަސްކުރިން މަޖިލީހުން މެންބަރުންނަށް އެކަން އަންގާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގައެވެ. އެކަމަކު ދައުރު ފަށާ ޖަލްސާ ފަށަން ވާނީ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން، ޖަލްސާ ފެށޭނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަސް، ނުވަތަ ހަތްވަނަ ދުވަހުގައެެވެ.