ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރެއަށް ތާވަލުކޮށްފިއެވެ.

މިރޭގެ 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް، އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށެވެ.

ޝަމީމް ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ މި މަހުގެ 13 ވަނަ ދުވަހު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީގައި އޭނާ ވަނީ ޝަމީމް ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށާއި، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށް ލިޔުއްވައިފައެވެ.

އެ ސިޓީގައި ޝަމީމްގެ މައްޗަށް ކުރި ތުހުމަތުތަކަކީ:

  • ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން
  • މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުން
  • ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  • ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުން
  • ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުންޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން

މި މައްސަލައިގައި ޝަމީމް ޖަވާބުދާރީކުރުވުމަށް ކޮމިޓީއަށް ހާޒިރުކޮށް، ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ކޮމިޓީގެ ބައްދަލުވުމަށް ފަހު، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނަވައި ނޫސްވެރިންނާ އެކު ބޭއްވެވި އެންމެ ފަހު ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ބާ ތުހުމަތުތަކެއް ކަމަށާއި، އެ ތުހުމަތުތަކަށް މީގެ ކުރިން ވެސް ޖަވާބުދެއްވާފައި ވާނެ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ދައުވާ އަނބުރާ ގެންދިއުމާއި މަހްލޫފްގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންދިއުން ހިމެނެއެވެ.

ޝަމީމް ވިދާޅުވީ، މަޖިލީހުން އޭނާ ވަކިކުރަނީ އެއްވެސް ކަމެއް ސާފުނުވެގެން ނޫން ކަމަށާއި، މަގާމުން ވަކިވާން އެންގި ނަމަ އިސްތިއުފާ ވެސް ދެއްވާނެ ކަމަށެވެ. އެކަމަކު މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާދެއްވާނަންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ޝަމީމް ސީދާ ޖަވާބެއް ނުދެއްވިއެވެ.