ކ.ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، ފަޔާ ފައިޓަރުން ނިއްވާލައިފިއެވެ.

އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރި ވެފައި ވަނީ މާލޭ އޭރިއާ ކޮމާންޑްގެ ފަޔާ ފައިޓަރުންނާއި، ތިލަފުށީ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު ކަމަށެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރު ކަމަށް މައުލޫމާތު ދިނެވެ.

މެރިންޑޯ ގުދަނުގައި ރޯވި އަލިފާންގަނޑު

މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕްގެ އިތުރުން އެ ތަނާއި އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މި ހާދިސާގައި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ދޫކޮށްލާފައިވާ ކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.

އަލިފާން ހިފަން މެދުވެރިވި ސަބަބު މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު އެ ވަގުތު ވޯކްޝޮޕުގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ވެއެވެ. ނަމަވެސް އެ އެންމެންވެސް ވަނީ ރައްކާތެރިކަމާއެކު ބޭރަށް ނުކުމެފައެވެ.

ދޭތެރެ ދޭތެރެއިން ތިލަފުށީގައި އަލިފާނުގެ ހާދިސާތައް ހިނގައެވެ. އެގޮތުން މިދިޔަ ޖޫންގައި ވެސް އެފަދަ ހާދިސާއެެއް ހިނގައި، "ރާއްޖެ ލޮޖިސްޓިކްސް" ގުދަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.