ގާޒާގައި ހަރަކާތްތެރިވާ ހާމާސްގެ ކުރީގެ ލީޑަރު އިސްމާއީލް ހަނިއްޔާ، އީރާނުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށާއި އަވަސް އަރުވާލައިގެން އެކަން ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.
އެ ހަމަލާގެ ތުހުމަތު އީރާނުން އިޒްރޭލުގެ ބޮލުގައި އަޅުވާފައި ވާ އިރު ދެންމެ ދެންމެ އީރާނުން އިޒްރޭލަށް ހަމަލާ ދީފާނެ ކަމަށް ދޭހަވާ މޭރުމުން އެމެރިކާގެ މަސްއޫލު ފަރާތްތަކުން މިދޭތެރެއަކުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
އެ ފަރާތްތަކުން ދިޔައީ، އީރާނުން ހަމަލާ ދެނީ ކަމަށް ބުނެ ގަޑިތަކެއް ވެސް އިއުލާން ކުރަމުންނެވެ. އެގޮތުން ހަނިއްޔާ އަވަހާރަވީ ދުވަހުން ފެށިގެން 48' ގަޑި އިރު، 72 ގަޑިއިރު، ވަރަށް އަވަހަށް' ހަމަލާ ދޭނެ ކަމަށް އެމެރިކާއިން ބުންޏެވެ. އެއާއެކު ނިއުކްލިއާ ގާބިލުކަންވެސް ހިމެނޭ ސަބްމެރީން އާއި އެންމެ ޒަމާނީ ހަތިޔާރާއި މިސައިލުން ބަރާކޮށްފައި ވާ އަސްކަރީ މަނަވަރުތައް އިޒްރޭލު ކައިރިއަށް އެމެރިކާއިން ގެންދިޔައެވެ.
ހުއްޖަތަކަށް ދެއްކީ އީރާނުން ދީފާނެ ހަމަލާއަކުން އިޒްރޭލު ދިފާއު ކުރުމެވެ. އެއާއެކު އެމެރިކާގެ ވައިޓްހައުސްގެ އޮފިޝަލުން ގެންދެވީ ގޯހެއް ނުހެދުމަށް އަންގާ އީރާނަށް އިންޒާރުވެސް ދެމުންނެވެ.
ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާއަށް މަސްދުވަސް ވާން ދާ އިރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ތަރުޖަމާން އަލީ މުހައްމަދު ނައެނީ ވިދާޅުވީ، 'ވަގުތު އޮތީ އެމީހުންގެ ]އީރާންގެ[ އަތުގައި ކަމަށާއި އިންތިޒާރު ކުރަން ޖެހޭ ވަގުތު ދިގުވެދާނެ" ކަމަށެވެ.
ހަނިއްޔާ އާއި ހިޒްބުއްލޯ ޖަމާއަތުގެ އިސް ކޮމާންޑަރެއް ކަމަށް ވާ ފުއާދު ޝުކުރު އަވަހާރަ ކޮށްލުން ހިނގާފައި ވަނީ ގާތްގާތުގައި ކަމަށް ވާ އިރު މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތި ވަނީ 'ހައި އެލާޓު' ގައެވެ. ފުއާދު އަވަހާރަ ކޮށްލުމުގެ ޒިންމާ އިޒްރޭލުން އުފުލާފައި ވާ އިރު ހަނިއްޔާ އަވަހާރަ ކޮށްލި ކަމަކަށް ވެސް އަދި އެކަމުގައި ބައިވެރި ނުވާ ކަމަކަށް ވެސް އިޒްރޭލުން ބުނެފައެއް ނުވެއެވެ.
ހަނިއްޔާ އަކީ އިޒްރޭލުން އަވަހާރަ ކޮށްލަން ބޭނުން މީހުންގެ ލިސްޓުގެ ކުރީގައި އޮތް ލީޑަރެކެވެ. އީރާނުގެ އާ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ހުންނަވަނިކޮށް އޭނާ އަވަހާރަ ކޮށްލާފައި ވަނީ، އޭނާ ހުންނެވި ހޮޓަލަށް ބޭރުން ދިން ހަމަލާއެއްގައި ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވެއެވެ. އަދި މިހަމަލާ ދިނުމުގެ ފަހަތުގައި އޮތީ އިޒްރޭލު ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަނިއްޔާ އަކީ ހަމާސްގެ ލީޑަރު ކަމަށް ވާއިރު އެޖަމާއަތުންނާއި ލުބުނާނުގައި އޮންނަ ހިޒްބުއްލޯ އިން ވެސް އެ މަރުގެ ޒިންމާ އަޅުވާފައި ވަނީ އިޒްރޭލުގެ ބޮލުގައެވެ.
ނައެނީ އިތުރަށް ވިދާޅުވީ، މިފަހަރު އީރާނުން ރައްދު ދޭނީ މީގެ ކުރިން ކަން ކުރި ގޮތަށް އަވަސް އަރުވާލައިގެން ނޫން ކަމަށެވެ. އަދި މިހާރު އަބަދުވެސް ސަމާލުވެ ތިބުމަށް އިޒްރޭލަށް މަޖުބޫރު ވާނެ ކަމަށާއި އިޒްރޭލަށް ހަމަޖެހިލައިގެން ނޯވެވޭނެ ކަމަށެވެ.
އީރާނުން ވަނީ މިއަހަރުގެ އެޕްރީލް މަހު އިޒްރޭލަށް ރޮކެޓް ހަމަލާގެ 300 ހަމަލާ ފޮނުވާލާފައެވެ. ބައެއް ރޮކެޓް އިޒްރޭލުގެ ތެރެއަށް ވެއްޓުނު ނަމަވެސް ގިނަ ރޮކެޓް އިޒްރޭލާއި އުރުދުން އަދި އެމެރިކާ އާއި ފްރާންސުގެ އަސްކަރިއްޔާ ގުޅިގެން ވައިގެ ތެރޭގައި ގޮއްވާލިއެވެ. އީރާނުގެ އެ ހަމަލާ އަކީ ސީރިއާގައި ހުރި އީރާނުގެ އެމްބަސީގައި އެވަގުތު ހުންނެވި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ކޮމާންޑަރެއް ކަމަށް ވާ މުހައްމަދު ރިޒާ ޒަހޭދީ އަވަހާރަ ކޮށްލުމަށް ދިން ހަމަލާއެކެވެ.