ކ. ކަނޑުއޮތްގިރީގައި އޮންނަ މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ބަންދުކޮށް އެމްއެންޑީއެފްގެ ބޭނުމަށް އެ ރަށް އެމްއެންޑީއެފް އާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ޝިޔާމް ވަނީ ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބޭނުމަށް މި މަހު 4 ގައި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ބަންދުކުރި ނަމަވެސް މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރު ސަރަހައްދުން ހޯދުމަށް އެޗްޑީސީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އެ ބާވަތުގެ މަސްވެރިކަމަށް ހާއްސަކޮށްގެން މިފްކޯއިން ކާރުހާނާއެއް ކަނޑުއޮތްގިރީގައި ހިންގި ނަމަވެސް އެ ރަށުން އެކަމަށް އެދެވޭ ހައްލެއް ނުލިބުނު ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްދޯނިތަކަށް ކަނޑުއޮތްގިރިއަށް ލަފާފުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެ ރަށުން ކާރުހާނާ ބަދަލުކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށެވެ.
ކަނޑުއޮތްގިރީގައި ހިންގަމުން އައި މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ މިހާރު ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލެ އަށެވެ. ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީ ވެސް ލިބިފައި އެބަހުރި ކަމަށާއި ހުޅުމާލެއަށް ކާރުހާނާ ބަދަލުކޮށް އެ އެހީގެ ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް މި ކާރުހާނާ ބަދަލުކުރާނެ ވަކި ތާރީހެއް ޝިޔާމް ވިދާޅުވެފައެއް ނުވެއެވެ.