ލޭނު މަސްވެރިކަމަކީ ކަނޑުރޯދިން ނަފާ ހޯދުމަށް ކުރެވޭނެ މުހިއްމު މަސައްކަތެއް ކަމަށާއި އެކަމުގެ ސަބަބުން އާމްދަނީ އިތުރު ވެގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން ޝިޔާމް ވަނީ ލޭނު މަސްވެރިކަމުގެ ސަބަބުން އާމްދަނީ އިތުރު ވެގެން ދާނެ ކަމަށާއި، އެ މަސްވެރިކަމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ ލޭނުގެ މަސްވެރިކަން ހުއްޓާލަން އެއްވެސް އިރަކު އީޔޫ އިން އަންގާފައި ނެތް ކަމަށެވެ. އަދި އެ މަސްވެރިކަން މަނާ ކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ ނިންމުމެއް ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތުން ލޭނު މަސްވެރިކަމަށް ހުޅުވާލުން ވަރަށް މުހިއްމުކަމަށާއި، މިއީ އާމްދަނީ އިތުރުކޮށް މަސްވެރިކަން ސިންދަފާތުކުރުމަށް ކުރެވޭނެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. ވަރަށް ގިނަ ގައުމުތަކުން ލޭނު މަސްވެރިކަން ކުރާ ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ އިން ވެސް އެކަމަށް ނުކުންނަން މަސައްކަތް ކުރަނީ މަސްވެރިކަން ޑައިވާސިފައި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ލޭނު މަސްވެރިކަމަކީ ދިވެހިން އެކަން ކޮށްގެން އިންތިހާ އަށް ފައިދާ އިތުރު ކުރެވެން އޮތް ކަމެއް. ކީއްވެގެންތޯ އެކަން ނުކުރަންވީ؟ އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު މެނޭޖްމެންޓެއް ގެންގުޅެވޭތޯ
މިނިސްޓަރު ޝިޔާމް

ޝިޔާމް ވަނީ ލޭނު މަސްވެރިކަމާއި ގުޅޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށްފަހު، ވީހާވެސް އަވަހަކަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.