ސްޓެލްކޯގައި އެމަޖެންސީ ރެސްޕޮންސް ޓީމެއް ގާއިމުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ކުންފުނީގައި ކޮމްޕެނީ އެމަޖެންސީ ރެސްޕޮންސް ޓީމެއް ގާއިމްކޮށް މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެހީވާނެ ކަމަށެވެ. އެގޮތުން

މީގެއިތުރުން ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައްވެސް މި އެއްބަސްވުމުގެ ދަށުން ދިރާސާކުރެވޭނެ ކަމަށާއި، އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލި ހާލަތު އިޖާބައިގެ ގާބިލްކަމުގެ އޮނިގަނޑު އަދި ކްރައިސިސްގެ ވަގުތުގައި ހިދުމަތް ކުރިއަށް ގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށެވެ.

މި އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ ގައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ އަބަދުވެސް ގުޅިގެން މަސައްކަތްކުރާ ބައެއްކަމަށާއި، ނަމަވެސް މިފަދަ ކާރިސާތަކެއްގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފައި ނެތް ކަމަށެވެ.

ގައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަކާ ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ގައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ
އެމްޑީ ފަހުމީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވަނީ ސްޓެލްކޯއާ އެކު ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގަ ކުރުމަށް ރާވާފައިވާ ކަމަށާއި، އެގޮތުން ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގަ އެންޑީއެމްއޭއާ އެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ މުވައްޒަފުންތަކެއްގެ ގޮތުގަ ތައްޔާރުކުރުމަށް ތަމްރީނު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު ސޮއިކުރެވުނު މި އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީއެވެ. އަދި އެންޑީއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އެވެ.