ޓްރާންސްޕޯޓް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އެއްބްސްވުމެއްގައި ދުބާއީގައި ހުންނަ ހެލިކޮޕްޓަރު އަދި ވާޓިޕޯޓް އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށް ރިޕޯޓްކޮށްފައި ވަނީ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އާބަން އެއާ މޮބިލިޓީން އިންނެވެ.

މި ހަބަރު ރާއްޖޭގެ ބައެއް މީޑިއާތަކުންވެސް ގެނެސްދީފައި ވާއިރު އާރްއޭސީއެލް އިން ބުނީ ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް އެއްވެސް އެގްރިމެންޓެއްގައި ސޮއިކުރެވިފައި ނުވާކަމަށެވެ.

އާރްއޭސީއެލްއިން އިތުރަށް ބުނީ ދުބާއީގެ އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ ވިންގް ކެޕިޓަލް މެނޭޖްމަންޓާ އެކު އެމްއޯޔޫއެއްގައި ސޮއިކުރެވުނީ ޓްރާންސްޕޯޓް މިނިސްޓްރީ އިން ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ދަށުން އާރުއޭސީއެލް އިން ވެސް ޝައުގުވެރިކަން ފާޅުކުރުމުގެ ގޮތުން ސޮއިކުރެވުނު އެމްއޯޔޫއެއްގައި ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގައި އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.