"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންއަށް ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއިން ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)އަށް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެ ފައިސާ (ޖުމްލަ 19،309،468.02 ރުފިޔާ) އަންރުއާއަށް ޖަމާކޮށްފައި ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ކަމަށެވެ.

"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންއަކީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ހެނދުނު 08:00 އިން ރޭގަނޑު 12:00 އަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއެމް އަދި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯންއެކެވެ.

ޕީއެސްއެމްގައި ކުރިއަށް ގެންދިޔަ މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ ފަންޑު ފޮށީގެ އިތުރުން އޮންލައިން ޓްރާންސްފާވެސް ކުރެވޭ ގޮތަށެވެ. ޓެލެތޯނަށް ޖުމްލަ 19.3 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ފަލަސްތީނަށް މި ފައިސާ ފޮނުވުމަށް ޕީއެސްއެމްއިން މި ފައިސާ ހަވާލުކޮށްފައި ވަނީފޮރިން މިނިސްޓްރީއަށެވެ.

ފަލަސްތީނަށް އެހީވުމަށް ހާއްސަކޮށްފައިވާ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ދިހަ ގުނަ އިތުރުކޮށް، މިއަހަރުން ފެށިގެން 50 ހާސް ޑޮލަރު ހަދިޔާ ކުރުމަށް އެ ދުވަހު ކުރިއަށް ގެންދިޔަ ޓެލެތޯންގައި ރައީސް ވަނީ ނިންމަވާފައެވެ.