ސްކޭމް ހިންގައިގެން ފައިސާ ހޯދާ މީހުންގެ ބޭންކު އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބުނު ނަމަވެސް، އެ އެކައުންޓުތަކުގައި ހުންނަ ފައިސާގައި ފުލުހުން ނުޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ދީދީ މިހެން ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ، ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި އިބްރާހީމް ދީދީ ވިދާޅުވީ ރައްޔިތުންގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލިގެން ހުށަހަޅާ މައްސަލަތަކުގައި ތަހުގީގުކޮށް ފިޔަވަޅެއް އަޅަން ބަލާއިރު އެ ފައިސާ ހަރަދުކޮށް ހުސްކޮށްލާ ކަމަށެވެ. އެހެންކަމުން ގެއްލުނު ފައިސާ އަނބުރާ ހޯދައިދޭން ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ސްކޭމްތަކާއި ބޮޑެތި ވައްކަންތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެން ޖެހޭ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހީމްދީދީ ވިދާޅުވީ މި ބިލް ފާސްވެގެން ދާއިރު ދެފަރާތަށްވެސް ރިއާޔަތްކޮށް ގާނޫނަށް ބަދަލެއް ގެނެސްގެން މިކަންކަން ކުރެވިގެން ދާނެކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ލިބޭ ގޮތަކަށް މިކަންތައް ނިމިގެން ދިޔުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން ނަމަ ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށް ވާނަމަ އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރެއް ނެރެވޭނީ ކޯޓު އަމުރަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކުންނެވެ.