ތިން މިލިއަން ރުފިޔާގެ ލަގްޒަރީ ފްލެޓެއް ބައްލަވައިގަން ވާހަކަތައް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ދޮގު ކުރައްވައިފިއެވެ.
މިނިސްޓަރު ހަލީލް އެފްޑަބްލިޔު ރެސިޑެންސަސްއިން އަގޮބޮޑު ފްލެޓެއް ބައްލަވައިގަތް ހަބަރު މިއަދު އެކި މަންސަތަކުގައި ދައުރުވެފައި ވެއެވެ. އެގޮތުން ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ގޮތުން ހަލީލް ފްލެޓް ބައްލަވައިގަތީ ވަޒީރުކަމާ ހަވާލުވިތާ މަހެއް ފަހުންނެވެ.
އެކަމާ ގުޅިގެން އޭނާ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފްލެޓަކީ އޭޕްރިލް 2018، އިން ފެށިގެން އޭނާ ފައިސާ ދައްކަމުންދާ ފްލެޓެއް ކަމަށެވެ.
އަދި ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭގެ ހަތަރު މަސް ފަހުން އެ އަހަރުގެ އޮގަސްޓު މަހު ކަމަށާއި ފްލެޓު ގަތުމަށް ބޭނުންވާ އިތުރު ފައިސާ ހޯދީ ބީއެމްއެލް އިސްލާމިކުގެ ފެސިލިޓީއަކުން ކަމަށް ހަލީލް ވިދާޅުވިއެވެ. ބީއެމްއެލްގެ ލޯނުގެ ނުދެއްކި ހުރި ފައިސާގެ ތަފްސީލް ހާމަ ކުރައްވަމުން ހަލީލް ވިދާޅުވީ ލޯންގެ ބާކީ 1.4 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށެވެ.
ހަލީލް މީގެ ކުރިން ވަނީ ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވާފައެވެ. އަދި އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓީޗަރެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ ފިނޭންސް މިނިސްޓްރީގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަނުުގެ ސެކެޓްރީ ޖެނެރަލުގެ މަގާމުވެސް ހަލީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ.
ދާދިފަހުން ވަނީ ހުޅުމާލެއިން ފްލެޓެއް ގަތް މައްސަލައިގައި ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޒިފްލީނާއަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައިވެސް އެދިފައެވެ.