މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގްއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ވަރަށް އިހްލާސްތެރިކަމާއެކު، ފްލިގީގެ ޕާޓްނާޝިޕަށްޓަކައި، އަދި ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ޝައްކެއްނެތް ގޮތުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ބުނީ، މި އެއްބަސްވުމަކީ ޗައިނާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެން ދާޏެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން ރާއްޖެއަކީ މައިސް ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފްލާތައް ބޭއްވުމަށް އެންމެ ފުރިހަމަ މަންޒިލަކީ ރާއްޖެ ކަން ދުނިޔެއަށް ދައްކާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވިީ، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. މި ޕާޓްނާޝިޕަކީ މި ގުޅުން ހަރުދަނާކޮށް، ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވިއެވެ.

އެމްއެމްޕީއާރްސީއިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގެ ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަގުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި، ޕާޓްނަރުންނާ ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މާކެޓް ރީޗް ފުޅާކޮށް، ފަތުރުވެރިކަމުގެ ސެގްމެންޓްތައް ޑައިވާސިފައިކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކާ ގުޅިގެން، ފަތުރުވެރިން ގެނައުމުގައި ކުރިއެރުންތަކެއް ހޯދުމެވެ.