މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމޭއިރު އިތުރު 3،200 އަކަފޫޓު މިސްކިތަށް އިތުރު ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. އެކަމަކު ޕީއެންޕީން މަސައްކަތް ކުރިއަށް ނުގެންދިއުމުން، އެ ކުންފުންޏާ އެކު ހެދި 4.9 މިލިއަން ރުފިޔާގެ އެއްބަސްވުން އުވާލައި، ކައުންސިލުން ވަނީ 3.6 މިލިއަން ރުފިޔާ ދައްކައިފައެވެ. އޭގެ ފަހުން ކައުންސިލުން އާސަހަރާގެ މަސައްކަތް އިތުރު ދެ ކުންފުންޏަކާ ހަވާލުކުރިއެވެ.

އެއީ:

  • ބީސިކްސް ކޮންސްޓްރަކްޝަން (4.6 މިލިއަން ރުފިޔާއަށް) - އިމާރާތުގެ ފަރުމާގެ މަސައްކަތްކުރުމަށް
  • ހައިމާން ކޮންސްޓްރަކްޝަން (2.7 މިލިއަން ރުފިޔާއަށް) - ފިނިޝިން މަސައްކަތް ނިންމާލުމަށް

އަދަދުތައް އެއްކޮށްލުމުން، އާސަހަރާ މިސްކިތުގެ މަސައްކަތަށް ޖުމްލަ 10.9 މިލިއަން ރުފިޔާ ހަރަދުވެއެވެ. އެކި ސަބަބުތަކާ ހުރެ އާސަހަރާ މިސްކިތުގެ މަސައްކަތް މަޑުޖެހިގެން ގޮސްފައި ވާއިރު، އެންމެ ބޮޑު ދައްޗަކަށްވީ އިމާރާތުގެ ކުރެހުން އެއްކޮށް ނުނިމި މަސައްކަތް ފެށިގެން ދިއުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާސަހަރާ މިސްކިތް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވި ހުޅުވިގެންދާއިރު ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތައް:

  • ހިނަވާ އަށްޓެއް އިތުރުވެގެން ދިއުން
  • އަންހެނުން ނަމާދުކޮށް ވުޟޫކުރަން ވަކި ތަނަކާއި ފާހާނާއެއް
  • ތަރައްގީކުރެވިފައިވާ ޒަމާނީ ފާހާނާތަކެއް
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތް ވާނެ
  • ޖަނާޒާތަކަށް އަންނަ މީހުން މަޑުކުރުމަށް ހާއްސަ ސަރަހައްދެއް

މި މަސް ނިމުމުގެ ކުރިން މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރެވޭ ގޮތް ހެދިގެންދާނެ ކަމަށް، އުންމީދު ކުރައްވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.