ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އެންގި މައްސަލަ އަންނަ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ.

ނަމަވެސް އޭގެ ފަހުން މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ.

އެ މައްސަލަ ބާތިލް ކުރުމަށް ހުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. އެ ހުކުމް ބާތިލް ކުރުމަށް ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ދަށު ކޯޓުން މައްސަލަ ބެލިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށްވެސް ހުކުމުގައި ވެއެވެ.

މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދަށު ކޯޓުން އަލުން ބަލުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

އެ ހުކުމް ބާތިލްކޮށް 4 މަސް މިވަނީ ފާއިތުވެފައެވެ. އެއަށްފަހު ބާއްވާ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމައެހެންމެ ޔާމީންގެ މައްޗަށް ކުރާ ފުއްގިރި މައްސަލާގެ ޝަރީއަތްވެސް އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ.