މާލާގައި ބާވެ ހަލާކުވަމުންދާ އިމާރާތެއް ކަމަށްވާ މއ. ރަބީއުވިލާ އިމާރާތް ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ސިޓީތަކާއި ކައުންސިލްތަކުގެ މިނިސްޓްރީން ބުނީ، މީހުން ދިރިނޫޅޭތާ ގިނަ ދުވަސްވެ ބޮލަށް ވެއްޓޭ ވަރުވެފައި ހުރި ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ މިނިސްޓްރީގެ ޕަބްލިކް ވާކްސް ޔުނިޓުން ކަމަށެވެ. އެ ގެ ތަޅާލަން ސަރުކާރުން ނިންމީ ވީރާނާވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިޔުމުން ކަމަށެވެ.
މއ. ރަބީއުވިލާގައި މީހުން ނޫޅޭ އިރު، އެގެ ވަނީ ކުށްކުރާ މީހުން ބޭނުންކުރާ ތަނަކަށް ވެފައި ކަމަށް އެ ސަރަހއްދުގައި ދިރިއުޅޭ މީހުން ބުނެއެވެ. އެ ގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެގެއަށް ވަދެ ހަދާ ކަމަށް ވެސް އެ މީހުން ބުނެއެވެ.
އެގޭގައި މީހުން ނުޅުނު ނަމަވެސް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާ ހިންގާފައި ވަނީ ވެސް އެ ގެއަށް މަސްތުވާން ވަންނަ މީހުންގެ ސަބަބުން ކަމަށް އެ ސަރަހއްދުގައި ދިރިއުޅޭ މީހުން ބުނެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން އެގެ ވަނީ އިތުރަށް ހަލާކުވެފައެވެ.
އޭގެ ފަހުން މިދިަ މޭ މަހުގެ 20 ވަނަ ދުވަހު އެގޭގތެރެއިން ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ. އެމީހާ އަކީ އޭރު ގެއްލިގެން ބހޯދަމުން ދިޔަ މީހެކެވެ.