އައިޖީއެމްއެޗް ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އައިޖީއެމްއެޗުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން ވަނީ މިއަދުވެސް ލ. ގަމުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކޮށް 42 އަހަރުގެ އަދި 57 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ވަނީ ބިލެއްވެސް އެކުލަލާލާފައެވެ. ދާދި ފަހުން އެކުލަވާލި މި ބިލް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ އިރު ޑްރަގް މައްސަލަތަކުގައި ރާއްޖޭގައި މަރުގެ އަދަބު ދޭން ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ.

ބިލުގައި ވާގޮތުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވަކި އަދަދަކަށް ވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ.