ކުޑަކުއްޖަކު ކޭ ހެދިކާއެއްގެ ތެރެއިން ފުޅިތޮށިގަނޑެއް ފެނިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ގދ. ތިނަދޫގައެވެ. މި ވާހަކަ ހިއްސާކޮށް ފޭސްބުކުގައި މީހަކު ވަނީ ސުމަން ނަމަކަށް ކިޔުނު ފިހާރައަކުން ގަތް ހެދިކާއެއް ކޭއިރު، ފުޅިތޮށިގަނޑެއް އަނގައަށް ވަދެ އަނގައިގެ އެތެރެ ކަފައިގެން ދިޔަ ކަމަށް ބުނެފައެވެ.

އެއީ ރަށުގެ ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ފިހާރައެއް ކަން ފާހަގަކުރަމުން އޭނާ ވަނީ ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ބަލަން ޖެހޭ ކަމަށް ބުނެފައެވެ.

https://www.facebook.com/story.php?story_fbid=2217186608663074&id=100011152681588&mibextid=oFDknk&rdid=hCX3I6dM4dTHrjGO

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ކުޑަކުއްޖަކު ކޭ ހެދިކާއެއްގެ ތެރެއިން ފުޅިތޮށިގަނޑެއް ފެނިފައިވާ ކަން ހާމަވީ ސޯޝަލް މީޑިއާގައި މީހަކު ޖެހި ޕޯސްޓަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ސައުދު ވިދާޅުވި ގޮތުގައި ރަސްމީ ކޮށް އެއްވެސް ފަރާތަކުން މި ވާހަކަ އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ސައުދު އިތުރަށް ވިދާޅުވީ އެރަށުގައި ގިނަ އަދަދެއްގެ މީހުން ހެދިކާ ހެދުމަށްފަހު ފިހާރަތަކަށް ވިއްކަން ލާ ކަމަށާއި ނަމަވެސް މި ހާދިސާ ހިނގީ ކޮން ފަރާތެއްގެ ސަބަބުން ކަން އަދި ސާފު ނުވާ ކަމަށެވެ.