ވައިބާ ހެކްކޮށް މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް ގިނަ ވަމުން ދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ވައިބާ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރު ވަމުން ދާކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމުގެ ގޮތުން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.

މީގެއިތުރުން ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށާއި، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށްވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއްވެސް ގާއިމް ކޮށްފައެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށާއި ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ފުލުހުންގެ 'އެންޓި ސްކޭމް' ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގައި 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން 782 ޑިވައިސް ނެޓްވޯކް ބޮލޮކް ކޮށް 297 ސިމްކާޑު ޓާމިނޭޓް ކުރުމުގެ އިތުރުން 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ލަފާއާއެކު ހުރިހާ މުއައްސަސާތަކުން މަލްޓި އެޖެންސީ އެޕްރޯޗެއްގައި ކުރީގެ ވިސްނުން ދޫކޮށް އާގޮތަކަށް މަސައްކަތް ފަށާފައިވާކަން ހާމަ ކުރަމުން ފުލުހުން ބުނީ ކޮންމެ އަތޮޅެއްގައި ސްކޭމް ކަންތައްތަކާ ބެހޭ ހާއްސަ އޮފިސަރެއް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.