މާލޭގެ ނުވަ ސަރަހައްދަކުން އުޅަނދުފަހަރު ނަގާނެކަން ހާމަކޮށް، އެހެން ޒޯންތަކުގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ހަ މަހުގެ ފުރުސަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލެއަށް ގެނެސްފައި ހުރި ގިނަ އުޅަނދުފަހަރުގެ ތެރެއިން ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި އެހެން ޒޯންތަކުގެ އުޅަނދުފަހަރު ނެގުމުގެ ބަދަލުގައި އެ މިނިސްޓްރީން ކަނޑައަޅާ ބިމަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ.

އެ ފުރުސަތު 40 ދުވަހަށް ހުޅުވާލުމަށް ފަހު، ހަ މަސް ދުވަހުގެ ތެރޭގައި ވެހިކަލްތައް ރަޖިސްޓްރީކޮށް އެ ބިމުން ނަގަން ޖެހޭ ގޮތަށް ސަރުކާރުން އުސޫލު ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަ މަސް ދުވަހުގެ ތެރޭގަ އެ ބޭފުޅުން ވެހިކަލް މާލެއިން ބޭރަށް ގެންދެވުން، ނޫނިއްޔާ ގާނޫނީ އިމުގެ ތެރެއިން ރަޖިސްޓްރީ ކުރެއްވުން، ނޫނިއްޔާ އެހެން ޒޯނަކަށް ބަދަލު ކުރެއްވުން، ނޫނިއްޔާ އަމިއްލަ ގަރާޖަކަށް ބަދަލު ކުރެއްވުން، އެގޮތުން ޕާކިން އާ ވަރަށް ގިނަ ކަންތައްތަކަށް އަޅުގަނޑުމެން ހައްލު ހޯދުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ދާއިރާތަކުން ގުޅިގެން މިހާރު މި މަސައްކަތް ފެށީ،" ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން ވިދާޅުވިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާލެ ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރާއި އަސްލު ރަޖިސްޓްރޭޝަނެއް ނެތް އުޅަނދުފަހަރު ނަގާފައިވާނެ ކަމަށާއި، ސްކޫލްތަކާއި މިސްކިތްތަކާއި އާންމު ތަންތަނަށް ވަދެ ނުކުންނަ ސަރަހައްދުތައް ހިމެނޭހެން ނުވަ ސަރަހައްދަކުން އުޅަނދުފަހަރު ނަގަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަމީނެކޭ އެއްފަދައިން އިހުސާން ވިދާޅުވި ގޮތުގައި، ސަރުކާރުން ވަނީ 40 ދުވަހުގެ ތެރޭ ސަރުކާރުން ކަނޑައަޅާ ބިމަކަށް އުޅަނދުފަހަރު ގެންގޮސް ހަ މަހުގެ ތެރޭ ރަސްމީ ސިފައެއްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

"40 ދުވަހުގެ ފަހުން މަގުތައް މަތީގަ ހުންނަ މިފަދަ ވެހިކަލްތައް ހަމަ އަނެއްކާ ވެސް އަޅުގަނޑުމެން އެ އޮންނަ އުސޫލުގެ ތެރެއިން ޓޯ ކުރަމުން ގެންދާނެ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވަނީ ރައްޔިތުން ހަރަދުކޮށްގެން ގަނެފަ ހުރި އުޅަނދުތަކަށް އަވަހަށް ރެޖިސްޓްރޭޝަން ހެއްދި މަގުމަތީގައި އެއްޗެހިތައް ގަވާއިދާ އެއްގޮތަށް ދުއްވޭނެ މަގުފަހިކޮށްދިނުމަށް،"