ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ހޯމް ލޭންޑް މިނިސްޓްރީން އެކުލަވާލި ބިލުގައި ހިމަނައިފިއެވެ.
ޑްރަގް މައްސަލަތަކުގައި ރާއްޖޭގައި މަރުގެ އަދަބު ދޭން ހުށަހެޅި މިއީ ފުރަތަމަ ފަހަރަށްވާއިރު، މި ބިލުގައި ވާގޮތުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވަކި އަދަދަކަށް ވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ.
މި ބިލް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ އިރު މިހާރު މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެއިތުރުން ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ޑްރާފްޓުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުމެވެ.
އަދި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި އެ ކުށުގެ އަދަބު ކަނޑައަޅައިފައި ވެއެވެ.
މީގެއިތުރުން މި ބިލުގައި ކޯޓު އަމުރަކާ ނުލައި ވަދެ އަމަލުކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާއިރު ކޯޓު އަމުރަކާއި ނުލައި ވަދެވޭނެ ހާލަތްތައް ވަނީ ހިމަނާފައެވެ. އެގޮތުން މަަގުމަތި ޕެޓްރޯކުރުމުގެ ތެރެއިން ފުލުހުންނަށް ފެންނަ ފެނުންތަކާއި ލިބޭ މައުލޫމާތާއި ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގުން ލިބޭ މައުލޫމާތުގެ އިތުރުން ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ފުލުހުންނާއި ހިއްސާ ކުރާ މައުލޫމާތުއާންމު ފަރާތަކުން ހިއްސާކުރާ މައުލޫމާތަކ،ީ ސައްހަ މައުލޫމާތެއްކަމަށް ފުލުހުންގެ އިންޓެލިޖެންސުން އެގުން ހިމެނެއެވެ.
މި ބިލުގައި ހިމެނޭ މުހިންމު ބައެއް މާއްދާތަކުގެ ތެރޭގައި ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކޮށްފި ނަމަވެސް އަދަބުގެ ގޮތުގައި 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުންވެސް ހިމެނެއެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުއާމަލާތެއް ނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެ ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.