އިންޑިއާގެ 78 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޑްރަޕަޑީ މުރްމޫ އަށާއި، ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އަށާއި އިންޑިއާގެ ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގެ ޒަމާންވީ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށާއި، ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތުތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މީގެކުރިންވެސް ދެއްވާފައެވެ.

އެގޮތުން އިންޑިއާގެ އެހީތެރިކަމާއެކު 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމު ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދު ވެސް އެހީތެރިކަން ދެމުންދާ ކަމަށެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން ދާ ބައެއް މަޝްރޫތަކުގެ ނިމުން ފާހަގަ ކުރުމާއި އާ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި ދަތުރުގައި ރައީސް މުއިއްޒު ބެހެއްޓެވި ގާތްކަމަށް ޖައިޝަންކަރު ވަނީ މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.