ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި ބިލެއް ޑްރާފްޓުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުމެވެ.

އަދި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި އެ ކުށުގެ އަދަބު ކަނޑައަޅައިފައި ވެއެވެ. މީގެ އިތުރުން ވެސް މި ބިލުގައި އެހެނިހެން މުހިންމު މާއްދާތައް ވަނީ ހިމަނައިފައެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަނޑައެޅޭ ގޭންގަކުން ހިންގާ ނުވަތަ އިންތިޒާމުކުރާ ކުޅިވަރު ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ހުރިހާ ހަރަކާތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި ކަނޑައެޅޭ ގޭންގެއްގެ ލީޑަރަކު ނުވަތަ މެންބަރަކު، ހިންގާ ނުވަތަ އިންތިޒާމުކުރާ ކުޅިވަރުގެ ހަރަކާތްތަކާއ،ި އިޖުތިމާއީ ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ހުރިހާ ހަރަކާތްތަކީ ގޭންގް ހަރަކާތްތައް ކަމަށް ބުނެފައި ވެއެވެ.

މި ބިލުގައި ގޭންގު ކުށްތައް ކަމަށް ކަނޑައަޅައިފައިވާ ކަންކަމަކީ:

  • ގޭންގު ހަދައިގެން ކުށްކުރުން
  • ގުރެފިޓީ ކުރެހުން
  • ގޭންގެއްގެ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ތަނެއްގައި ތިބުން
  • ރެކްރޫޓްކުރުން
  • ފުލުހުން ނޯޓިސް ހަރުކޮށްފައިވާ ތަނަކަށް ވަނުމުގެ ހުއްދަ ދިނުން
  • ހެކިބަސް ނުވަތަ މައުލޫމާތު ދީފާނެ މީހަކަށް ބިރުދެއްކުން
  • ގްރޫޕް އަދި ގޭންގު ހަރަކާތްތަކަށް ފައިނޭންސް ކޮށްދިނުން
  • ގޭންގެއްގެ ލީޑަރަކަށް ނުވަތަ މެމްބަރަކަށް ނުވަތަ ހަރަކާތަކަށް ނުވަތަ ގޭންގަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން އެއްވެސް ސިފައެއްގައި ފޯރުކޮށްދިނުން
  • ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކުރުން
މާރާމާރީ އަކާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަނީ --

އޭގައިވާގޮތުން ވަކި ފަރުދަކާ ގުޅޭގޮތުން ގޭންގެއްގެ މެންބަރެއްކަމުގައި ބެލެވޭނެ ކަންކަންވެސް ހާމަކޮށްފައި ވެއެވެ.

  • އެގޮތުން ޖިނާއީ ކުށެއް ކުރުމުގެ ތުހުމަތުކުރެވިގެން ހައްޔަރު ކުރެވިފައިވާކަން ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައި އޮތުން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން މައްސަލައެއް ތަހުގީގުކޮށްފައިވާ ނުވަތަ ތަހުގީގު ހިނގަމުންދާ ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ އެއްވެސް އިރެއްގައި އުފުލިފައިވާ ފަރާތެއްކަމުގައިވުން.
  • ގޭންގްތައް އުޅޭ ސަރަހައްދެއްގައި ހުރިކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައިވާ މަޢުލޫމާތުން އެގެން އޮތް ނުވަތަ އެފަދަ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ މީހެއްކަމުގައިވުން
  • އެމީހަކު އުޅޭ އުޅުމުގައި ނުވަތަ އެމީހެއްގެ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކުގައި އެމީހަކ،ީ ކުށުގެ ރިކޯޑު އޮންނަ ވަކި ބަޔަކާއެކު އުޅޭ ނުވަތަ އެފަދަ ބަޔަކު ޕްރޮމޯޓްކުރުމަށްޓަކައި ނުވަތަ އެފަދަ މީހުން ތިބޭ ސަރަޙައްދަކަށް ނިސްބަތްވާ މީހެއްކަން ދެއްކުމަށް އެފަދަ މީހުން ބޭނުންކުރާ ނިޝާނެއް ނުވަތަ ކުރެހުމެއް ނުވަތަ ހެދުމެއް ބޭނުންކޮށް އެގޮތަށް ދެއްކުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގެން އޮތުން ހިމެނެއެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ޑްރަގް އެންފޯސްޓްމަންޓްގެ ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

ކޯޓު އަމުރަކާ ނުލައި ވަދެ އަމަލުކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާއިރު ކޯޓު އަމުރަކާއި ނުލައި ވަދެވޭނެ ހާލަތްތައް އެ ބިލުގައި ވަނީ ހިމަނާފައެވެ. މަަގުމަތި ޕެޓްރޯކުރުމުގެ ތެރެއިން ފުލުހުންނަށް ފެންނަ ފެނުންތަކާއި ލިބޭ މައުލޫމާތާއި ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގުން ލިބޭ މައުލޫމާތުގެ އިތުރުން ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ފުލުހުންނާއި ހިއްސާ ކުރާ މައުލޫމާތުއާންމު ފަރާތަކުން ހިއްސާކުރާ މައުލޫމާތަކ،ީ ސައްހަ މައުލޫމާތެއްކަމަށް ފުލުހުންގެއިންޓެލިޖެންސުން އެގުން ހިމެނެއެވެ.

މީގެ އިތުރުން މި ބިލުގައި ހިމެނޭ މުހިންމު ބައެއް މާއްދާތަކުގެ ތެރޭގައި ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކޮށްފި ނަމަވެސް އަދަބުގެ ގޮތުގައި 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުއާމަލާތެއް ނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެ ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

މި ބިލު ފަރުމާކޮށްފައިވަނީ މި ބިލު ގާނޫނަކަށްވުމާއެކު މިހާރު އަމަލުކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނު 18/2010 އުވޭ ގޮތަށެވެ.