ގޭންގު ހަދައިގެން މާރަމާރީ ހިންގަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ ދަފްތަރު 1264، ޝަމާހު މުސާދީދީ، (34އ) އަދި ރ. އިންނަމާދޫ، އެވަލީޑް ހުސައިން ނަވީން (19އ)އެވެ.

އެ ދެ މީހުންނަށް ވެސް ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތެވެ. ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ދެ ގްރޫޕެއްގެ ދެމެދު ހަމަނުޖެހުން އެފެދި، މާރަމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެމީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައިވަނީ ޝަމާހު ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭނާގެ އަތުން ކަޓަރު ތިލައެއް ފެނިފައިވާ ކަމަށެވެ. މި ތުހުމަތުގެ ދިފާއުގައި އޭނާ ބުނީ އެއީ ނިޔަފަތި ކަޑަން ގެންގުޅުނު އެއްޗެއް ކަމަށް އަދި ކުރިން މާރާމާރި ހިންގުމުގައި ބައިވެރިވި ނަމަވެސް މިހާރު އެފަދަ ކަންކަން ނުކުރާ ކަމަށެވެ. އަދި މިހާރު އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ޝަމާހު ވަނީ ބުނެފައެވެ.

ނަވީން ބަލައި ފާސް ކުރިއިރު، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވާއިރު ދިފާއުގައި އޭނާ ބުނީ އެ ސައިކަލަކީ އޭނާގެ ބައްޕަގެ ސައިކަލެއް ކަމަށާއި މަޑިދަށުގައި ކަޓަރެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ ވަޒީފާއެއްގައި އުޅޭ ކުށުގެ ރިކޯޑް ނެތް މީހެއް ކަމަށް ނަވީން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.