ކުށްމަދު އަމާން މުޖްތަމައުއަކަށް ހަދަން ފުލުހުން ކުރި މަސައްކަތުން ފާއިތުވި 48 ގަޑިއިރު ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 400 އަށްވުރެ ގިނަ ފަހަރު ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފުލުހުން މިއަދު ވަނީ 21 އަދި 22 ފެބްރުއަރީގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މިއީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ.
އެގޮތުން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި:
- ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 423 ފަހަރު ބަލައިފާސްކޮށްފައިވޭ
- އަދި އެ ސަރަހައްދުތަކުން 96 އިންޓަރެކްޝަން ހަދާފައިވޭ
- 13 އުޅަނދެއް ޗެކްކޮށްފައިވާއިރު އެއް އުޅަނދު ޓޯކޮށްފައިވޭ
- މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 6 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުޓްޕެޓްރޯލްކޮށް ބަަލަހައްޓާފައިވޭ
ދާދި ފަހުން މި ސަރުކާރުން ވަނީ ގޭންގް ކުށްތައް ހުއްޓުވުމަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ވުޖޫދަށް ގެނެސްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާގޮތުން ވަކި ޖަމާޢަތަކާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
އަދި އެގޮތަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކަމާގުޅޭ އެނޫންވެސް ހެއްކާއެކު ކޮމިޝަނާ އޮފް ޕޮލިސް ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
