ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން 14:00 އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތައް ކަމަށާއި، މިއަހަރުގެ ހުޅަނގު މޫސުން ފެށުނީ ވެސް ވަރަށް ވިއްސާރަކޮށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަމުން އަންނައިރު މާލޭގެ 230 އަށްވުރެ ގިނަ ގެއަށް ފެންވަދެފައި ވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.