ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ހުއްދަ އާއި ކޯޓާ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމާއެކު، 182 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ މައުލޫމާތު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އާންމުކޮށްފައެވެ. މި ލިސްޓުގައި އާންމުކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނަމަވެސް ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްސީލެވެ.

ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ ހާހަކަށް ވުރެ ގިނަ ކުންފުނިތަކުން ދައުލަތަށް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާކަމަށެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޝްހޫރު ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ފީތައް ނުދައްކާ އެބަހުރި ކަަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކުންފުނިތަކަކީ:

  • ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް: 26.8 މިލިއަން ރުފިޔާ
  • އެޑްވާންސް ގޯ ކޮންސްޓްރަކްޝަން: 14.8 މިލިއަން ރުފިޔާ
  • ބްރައުން ބިލްޑާސް: 14.5 މިލިއަން ރުފިޔާ
  • ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން: 11.2 މިލިއަން ރުފިޔާ

ލިސްޓުގައިވާ ކުންފުނިތަކުން ދައްކަން ޖެހޭ ޖުމްލަ އަދަދު އެއްކޮށްލުމުން 636.5 މިލިއަން ރުފިޔާ އެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭކަން ހާމަވެއެވެ. މިއީ ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކުގެ ނަން ހާމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ ލިސްޓު ސަރުކާރުން އާންމުކުރުމާއެކު ބިދޭސީން ގެނެސް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 182،954،572 ރުފިޔާ މިހާތަނަށް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިހާތަނަށް ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ޖުމްލަ 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެ ރުފިޔާ ހޯއްދަވާނެ ކަމަށް މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ގިނައީ ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާކަން ފާހަކުރައްވަމުން ރައީސް ވިދާޅުވީ ބިމުގެ ކުލީގެ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ނުހޯދާ، އެކަމު ދައުލަތަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާގެ އަދަދު 513 މިލިޔަން ޑޮލަރަށް އަރާކަމަށެވެ.

މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލު ކުރެވޭނެވަރުގެ އަދަދެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ފައިސާ ކަމަށެވެ.