ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ މި ގަދަ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ވިއްސާރޭގެ އަސަރު ދަނީ ކުރަމުންނެވެ. އަދި ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ގެދޮރާއި ހިފާ ގެންގުޅޭ އަގު ބޮޑު މުދަލަށް ވެސް ގެއްލުން ލިބެމުންދާ މި ދަނޑިވަޅުގައި އެމަނިކުފާނުގެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނީ ގެއްލުންވާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ. އަދި ހަމައެހެންމެ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެއީ ޖުމްލަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މަޝްރޫއަކަށްވާއިރު މާލޭގެ މަގުތައް ހެދުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުމަށް މިދިޔަ މާޗު މަހު ވަނީ އެ ގައުމުގެ ޓީމެއްވެސް ރާއްޖެ އައިސްފައެވެ.

ޗައިނާ އިން މާލޭގެ މަގުތައް ހަަދައިދޭން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާއަށް ފަހުގަ އެވެ.

މާލެ އަށް ބޯކޮށް ވެހެމުން ދާ ވާރޭގައި އައިޖީއެމް ހޮސްޕިޓަލް ކުރިމަތީގައި ފެންބޮޑުވެފައި / ފޮޓޯ: ދަ ޕްރެސް

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މާލޭގެ މަގު ތަކުގައި ފެންބޮޑުވުމާއި ގުޅިގެން ދުއްވާ އުޅަނދު ދުއްވުމަށްވެސް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ. ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 14:15 އިން 18:15 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައެވެ.

އެހެންކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ކަނޑު ދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.