ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަކިކުރަން ސަރުކާރަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރެވޭ ގޮތަށް ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދޭން ހުށަހަޅުއްވަމުން ވިދާޅުވީ ކުންފުންޏެއްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވާއިރު އެ ކަމަށް ވާގިވެރިވި އެހެން މުވައްޒަފުން އެ ކުންފުނީގެ މަގާމުތަކުގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

ނާޒިމް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތައް އަމަލީ ގޮތުން ތަންފީޒު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަން ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑު ބަދަލުކޮށް، ކޮރަޕްޝަންގައި ޝާމިލުވާ އެންމެނަށް ފިޔަވަޅު އެޅޭނެ ގޮތެއް ހަމަޖެއްސިގެން
އަހުމަދު ނާޒިމް

މީގެއިތުރުން ނާޒިމް ވަނީ ސަރުކާރު ބަދަލުވާއިރު ކުރިން ކޮރަޕްޝަންގެ އަމަލުތައް ހިންގި ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުގައި ތިބި ނަމަވެސް އެ ކޮރަޕްޝަނުގައި ޝާމިލުވާ އެހެން މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ފާހަގަކޮށް އެކަން ސަރުކާރަށް ލަފާ ދިނުމަށް ހުށަހަޅުއްވާފައެވެ.