ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް އެޒުވާނެއްގެ ތައުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނެ ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަކަށް، 5 އަހަރުގެ ތެރޭ ވަޒީފާގެ ބާޒާރު ފުޅާކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަހީދު ވިދާޅުވީ ޒުވާނުންނަށް ދިމާވެފައި އިޖުތިމާއީ މައްސަލަތަކާ ދުރުކޮށް ޒުވާނުންނަކީ ގައުމަށް ފައިދާހުރި ގައުމު އެދޭ ފަދަ ބަޔަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިކަމުގެ ފޮނި މޭވާ ލަސްތަކެއް ނުވެ ލިބިގެންދާނެ ކަމަށެވެ.

ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތު އެކުލަވާލުމުގައި ދިވެހި އެންމެހާ ޒުވާނުންނާއި މަޝްވަރާކުރެވި، އެއްވެސް ޒުވާނެއް ބާކީ ނުވާނެކަމުގެ ޔަގީންކަން ދެން، މި ސިޔާސަތަކީ ދިވެހި ޒުވާނުންގެ ސިޔާސަތު
މިނިސްޓަރު ވަހީދު

މިނިސްޓަރު ވަހީދު ވަނީ ފޭސްބުކް، މައިކްރޯސޮފްޓް ފަދަ އީޖާދުތަކަކީ ދުނިޔޭގެ ޒުވާނުން ހޯދައިފައިވާ ބޮޑެތި ކާމިޔާބީތައް ކަން ފާހަގަކުރައްވާ އެ ކަންކަމުން ދިވެހި ޒުވާނުން އިބްރަތް ހާސިލުކުރުމަށް ގޮވާލަައްވާފައެވެ. އަދި މިފަދަ ޒުވާނުން ރާއްޖޭގައި ނިސްބަތުން މާގިނަކަމަށާއި ޅަ ދުވަހު، ވިޔަފާރިތައް ކާމިޔާބުކޮށް ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ތިބި ޒުވާނުން ފެންނަން އެބަ ތިބި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ނުހަނު އިސްކަން ދޭކަމަށާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާއި ގުޅިގެން ޒުވާނުން ވަޒީފާއަށް ނެރުމުގެ ހާއްސަ ޕްރޮގްރާމްތައް ހިންގާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހިންގަމުންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިވަގުތު 180 ޒުވާނުން ފުރިހަމަކޮށް ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާއިރު، 60 އިތުރު ޒުވާނުން ދަނީ ޕްރޮގްރާމް ފުރިހަމަކުރަމުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށްޓަކައި ޔޫތު މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.