ރައީސް ޑރ. މުހައްމަދު މުއިއްޒު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ކޮމިޓީ އިފުތިތާހު ކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. މި ކޮމިޓީގެ މަގްސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާ ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމެވެ.

މީގެއިތުރުން ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ.

މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެކުލަވާލި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި ތިއްބަވަނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހި ކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި ބޯޑަކީ ރައީސަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ. އަދި މި ބޯޑު އިފުތިތާހު ކޮށްދެއްވުމަށް ފަހު މިއަދު 14:00 ގައި ރައީސް އޮފީހުގައި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރެއްވުން ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖުވެސް ހަވާލުކޮށްދެއްވާފައެވެ.