ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އެޑްވާންސްކޮށް 44 މިލިއަން ރުފިޔާ ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަން ފަށައިފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކުންފުނިން އެޑްވާންސް ފައިސާ ނެގުމަށްފަހު ވެސް ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާ ސަބަބު ލިޔުމުން މާލިއްޔަތު ކޮމެޓީއަށް ހުށަހަޅުމަށް އެންގުމަށް ފާސްކޮށްފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގައި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އާސަންދާގައި ހުރި މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރަމުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްވަނީ ކޮރަޕްޝަންގެ މި މިއްސަލަ ފެންމަތިކުރައްވާ، މިކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.

ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ޑިސެމްބަރު 29، 2016 ވަނަ އަހަރު 61 މިލިއަން ރުފިޔާއަށް އާސަންދައިގެ 6 ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކޮށްފައިވާއިރު އެ މަޝްރޫއުގެ މަސައްކަތް ނުފަށަނީސް ޖޫން، 2017 ގައި އާސަންދަ އިން ވަނީ ކުރިމަތިވި ބަޖެޓުގެ މައްސަލަތަކާއި ގުޅިގެން އެ ޕްރޮޖެކްޓުގެ މަސައްކަތް މަޑު ޖައްސާލުމަށް އަންގާފައެވެ.

މި މަސައްކަތް ހުއްޓާލަން ޖެހުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނުން، ކުރީ ސަރުކާރުގައި ރައީސް އޮފީހަށް ހުށަހަޅާފައިވާއިރު، ފަހުން އާސަންދަ ކުންފުނިން ވަނީ މިކަމުގެ ބަދަލެއްގެ ގޮތުން އެކުންފުނީގެ އޮފީސް އިމާރާތުގެ ޕްރޮޖެކްޓެއް 147 މިލިއަން ރުފިޔާއަށް ނޯތު ކޯސްޓް ކުންފުންޏަށް ދީފައެވެ. އަދި އޮފީސް އިމާރާތުގެ ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މިދިޔަ އަހަރު، ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެހެންނަމަވެސް މި އޮފީސް އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.