ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މިހާރު އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ޕީޖީއިން ކޮށްފައިވަ ދައުވާއަކީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވި ޖޮއިން ވެންޗާ އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާދީފައިވާއިރު ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ މަހު ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ.
މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަސްތަކަށްް ކަމަށެވެ. އަދި އަދީބު ދައްކަވާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތްކަން ގާޒީވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަންކަމަށް ބަލައި އެ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ގާޒީވަނީ ނިންމަވާފައެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ.