ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކާފައިވަނީ ރައްޔިތުންނަށް އެކަންކަން އޮޅުވާލާ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގެ އާރްޑީސީ މެނޭޖްމެންޓާ ދެކޮޅަށް، މިހާރުގެ މެނޭޖްމެންޓުން ވާހަކަ ފަތުރަމުންދާތީ އެކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އާރުޑީސީގެ ދަރަންޏާ ގުޅޭ ގޮތުންނާއި ލިޔެކިޔުން ނެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ އާ މެނޭޖުމަންޓުން ދައްކާފައިވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެ ކޮމިޓީގައި އާރްޑީސީގެ އެމްޑީ އަލީ ޒުހައިރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވީ، ލިޔެކިޔުން ނެތި 161 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަދި އެހާ ބޮޑު އަދަދެއް ކުރީގެ މެނޭޖްމެންޓުން ގެއްލުވާލާފައިވާއިރު އެ ފައިސާ ނުހޯދީ ކީއްވެގެންތޯ ސުވާލު އުފައްދަމުން މޫކޭ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަހުކޮޅު ފުލުހުން އާރުޑީސީގެ އޮފީހަށް ވަދެ ބަލައި ފާސްކުރުމަށް ފަހު، ހުރިހާ ލިޔެކިޔުމެއް ގެންދިޔަ ކަމަށާއި އެ ތަކެތި އަނބުރާ ކުންފުންޏަށް ފުލުހުން ރައްދު ކުރި ގޮތަށް އަދިވެސް "ގޯނިގޯނީގައި" ލިޔެކިޔުންތައް އެބަހުރި ކަމަށެވެ.
ކަންކަން އޮތް ގޮތް ރަނގަޅަށް ސާފު ނުކޮށް މިހާރުގެ މެނޭޖްމެންޓުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށްބުނެ މޫކޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ކުންފުނީގެ ދަރަންޏާ މެދު މިހާރުގެ މެނޭޖްމެންޓުން އެކި ފަހަރު އެކި އަދަދު ހާމަ ކުރުމާމެދުވެސް މޫކޭ ވަނީ ސުވާލު އުފައްދާފައެވެ. "ދައުލަތުގެ މީޑިއާގައި ވިދާޅުވީ، ކުންފުނީގެ ދަރަނީ 300 މިލިއަނާ ގާތޭ. ޓްރާންސިޝަނަލް މަރުހަލާގައި ވިދާޅުވީ، 200 މިލިއަނޭ. ވީޓީވީގައި ވިދާޅުވީ، 500 މިލިއަންއޭ. އެސްއޯއީ ކޮމިޓީގައި ވިދާޅުވީ، 837 މިލިއަންއޭ" މޫކޭ ވިދާޅުވިއެވެ.
އަދި އެކަމުން ވެސް ދޭހަވަނީ މިހާރުގެ މެނޭޖްމެންޓުގެ މައުލޫމާތު ނެތް މިންވަރު ކަމަށާއި އެ ވާހަކަތައް ދައްކަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު ބަދަލުވި ފަހުން ކުންފުނީގެ އޮޑިޓެއް ނަހަދާކަން ފާހަގަ ކުރައްވާ މޫކޭ އިތުރަށް ވިދާޅުވީ ފާއިތުވި ނުވަ މަސްދުވަހު ކުންފުނީގެ ތަފާސްހިސާބުތައް ވެސް ޕީސީބީއަށް ފޮނުވާފައި ނުވާ ކަމަށެވެ.