އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ ކިޔުއްވި ހޫނު މަރުހަބާ އަށާއި ބެހެއްޓެވި ގާތްކަމަށް ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާކަމަށާއި، އިންޑިއާއި އަދި ރާއްޖޭގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެން މި އުޅުއްވަނީ 3 ދުވަހު މުއްދަތަށް ކުރައްވާ ރަސްމީ ދަތުރެއްގައެވެ. މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން ދާ ބައެއް މަޝްރުއުތަކުގެ ނިމުން ފާހަގަ ކުރުމާއި އާ އެއްބަސްވުންތަކުގައި ސޮއިކުރުން ހިމެނެއެވެ. އެގޮތުން ޖައިޝަންކަރު ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކަށް ފަހު ދެގައުމު ގުޅިގެން ކުރިއަށް ދާނެ ދާއިރާތަކާއި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
އެގޮތުން، އުމްރާނީ ތަރައްގީ އާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި، އެކިދާއިރާތަކުން މީހުން ބިނާ ކުރުމާއި މިހާރު ކުރިއަށް ދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ރާއްޖޭގައި ބޭނުން ކުރުން ފަދަ މުހިންމު ދާއިރާތަކުން ކުރިއަށް ދިޔުމަށް އެއްބަސްވެފައި ވެއެވެ.
އިންޑިއާގެ އެހީތެރިކަމާއެކު 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމު ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދު ވެސް އެހީތެރިކަން ދެމުންދާ ކަމަށާއި، އެ ގައުމާއެކު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތުތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.