ހަސީނާގެ ވެރިކަމާ ރައްޔިތުން ހިތްހަމަ ނުޖެހި ވެރިކަމުން ދުރުކުރުމުން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފައި ވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ, އިންތިހާބު އިއުލާނު ކުރުމާއެކު ގައުމަށް ވަޑައިގަންނަވާނެ ކަމަށް އޭނާގެ ދަރިކަލުން ވިދާޅުވެއްޖެއެވެ.
ހަސީނާގެ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ހުންނަވާއިރު ފިރިހެން ދަރިފުޅު ދިރިއުޅުއްވަނީ އެމެރިކާގައެވެ. އަދި އަންހެން ދަރިފުޅު މިވަގުތު އިންނެވީ ލަންޑަންގައެވެ.
އޭގެ ތެރެއިން ސަދީބު ވަޒީދު ޖޯއީ ވިދާޅުވީ, ބަންގަދޭޝްގައި އާ އިންތިހާބަކަށް އިއުލާން ކުރުމާއެކު ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
1971 ގައި މިނިވަން ވުމަށް ޕާކިސްތާނާ ދެކޮޅަށް ބަންގްލަދޭޝް އިން ކުރި ހަނގުރާމައިގައި ބައިވެރިވި އާއިލާތަކަށް އެގައުމުގެ ވަޒީފާތަކުގެ 26 ޕަސެންޓް ކަނޑައަޅާފައި އޮންނަ މައްސަލައިގައި ފެށުނު މުޒާހަރާތައް ހޫނުވެ, ވެރިކަން ވައްޓާލާ ހިސާބުން އާންމުން ދިޔައިރު އެތައް ބަޔަކު މަރުވެފައި ވެސް ވެއެވެ.
ބަންގްލަދޭޝްގެ ރަސްމީ ނޫސްތަކުން ބުނާގޮތުން އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 500 އަށް އެރި އިރު އޭގެ ތެރެއިން ބައެއް މީހުންނަކީ އެގައުމުގެ ފުލުހުން ގަސްދުގައި ބަޑީޖަހާ މަރާފައި ވާ މީހުންނެވެ. ފުލުހުން އެ ޖަރީމާ ހިންގާފައި ވަނީ ސީދާ ހަސީނާގެ އޯޑަރަށް ކަމަށާއި އެހެން ކަމުން އޭނާ އިސްތިއުފާ ދެއްވުން ނޫންގޮތެއް ނޯންނާނެ ކަމަށް އާންމުން ބުނެ މާ ސިންގާ މުޒާހަރާއެއްގެ ތެރެއިން ހަސީނާގެ ވެރިކަން ވައްޓާލިއެވެ.
އެއާއެކު ފިއްލަވައިގެން އަސްކަރިއްޔާގެ ހިމާޔަތުގައި އޭނާ އިންޑިއާއަށް ވަޑައިގެން އެތާ އިންނެވި އިރު, ވަޒީދު ވިދާޅުވީ, މިހާރު ބަންގްލަދޭޝްގައި އެކަށައަޅާފައިވާ ވަގުތީ ސަރުކާރުން އިންތިހާބު އިއުލާން ކުރުމާއެކު ހަސީނާ އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
ބަންގްލަދޭޝްގައި އެކަށައެޅި ވަގުތީ ސަރުކާރު ހިންގެވުމަށް ނޯބެލް އިނާމު ލިބިވަޑައިގެންނެވި މުހައްމަދު ޔޫނުސް އާ ހަވާލު ކޮށްފައިވާ އިރު, މުޒާހަރާތައް ރާވާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު އެގައުމުގެ ދަރިވަރުން ތަމްސީލު ކުރާ 2 މެންބަރުން ވަގުތީ ސަރުކާރު ހިންގާ ކޮމިޓީގައި ހިމަނާފައި ވެއެވެ. އޭގެ އިތުރުން އަސްކަރީ މެންބަރުންވެސް ހިމެނެއެވެ.
އައިޓީ އެކްސްޕާޓެއް ކަމަށް ވާ ވަޒީދަކީ ހަސީނާ ވެރިކަމަށް ގެނައުމުގައި އޭނާއަށް އައިޓީ ދާއިރާގެ އެހީތެރިކަން ދެއްވި ބޭފުޅެކެވެ. ވަޒީރު ވިދާޅުވީ, އިންތިހާބަށް އިއުލާން ކުރުމާއެކު ހަސީނާ ގައުމަށް ވަޑައިގަތަށް ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންވާނެތޯ އަދި ދަންނަވަން އަވަސް ކަމަށާއި 'މަންމާފުޅު ހުންނެވީ އޭނާ އާ މެދު އާންމުން ކަންތައް ކުރި ގޮތުން ފޫހިފުޅުވެފައި" ކަމަށެވެ.
ވަޒީދު ވިދާޅުވީ އިންތިހާބުގައި ހަސީނާ ވާދަ ކުރެއްވިޔަސް އަދި ނުކުރެއްވި ނަމަވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަވާމީ ލީގް ޕާޓީ ކަމަށެވެ.