ބޮޑެތި ހަރަދުކޮށްގެން ސަރުކާރުން ރީތިކޮށް މަގުތައް ހަދަނީ އެ މަގުތަކުގައި ރޭސް ޖަހަން ނޫން ކަމަށް ފުލުހުންގެ ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސުޖާއު މިފަދައިން ވިދާޅުވެފައި ވަނީ ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100 ވަނަ ބެޗުގެ ނިމުން ފާހަގަ ކުރުމަށް ފުވައްމުލަކު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ސުޖާއު ވަނީ އަޑިގުޑަން މަގުތައް އެއްވަރުކޮށް ސަރުކާރުން މަގުތައް ހަދަނީ އުޅަނދު ދުއްވާ މީހުންނަށް ފަސޭހަ ކުރުމަށް ކަމަށް ވިދާޅުވެފައެވެ. ސުޖާއު ވަނީ ފުވައްމުލައް ސިޓީގައި ވެސް ޓްރެފިކް އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުން އަންނަކަމަށާއި، 2022 ވަނަ އަހަރުގެ ޖުލައި އެކަކުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި 163 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިކުމަތްތެރިކަމާ އެކު އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިގެން އަންނަނީ ފަރުދުންނާ ހިސާބުން ކަމަށާއި ކޮންމެ ފަރުދަކު ވެސް ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑުގައި ދުއްވުމާއި، އޯވަޓޭކް ކުރުމުގައި ސަމާލުކަން ދިނުމާއި، މަގު ހުރަސްކުރާ މީހުންނަށް ތަންދިނުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ އަދި ދުވާރު މަތިން ހިނގުމާއި، ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރުމުގެ އިތުރުން ދުއްވާ އެއްޗިއްސަށް ސަމާލުކަން ދިނުމަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރޔު ކުރުމަށް ކޮންމެ ފަރުދަކުވެސް ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވެފައެވެ.