އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި އެކަމާ ދެކޮޅަށް ފާޑުކިޔާނީ "ސިޔާސީ ޕޮއިންޓު" ހޯދުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ، ކުރިން ކަން ވެފައި އޮތް ގޮތް ފާހަގަކޮށް އެކަމަށް މަލާމާތް ކުރާނަމަ ދޭހަވަނީ އިންޑިއާ އަދި ރާއްޖޭގެ ގުޅުމަށް އެފަރާތްތަކުން ނޭދޭ ކަން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ އުސޫލުގައި ނުހިފެހެއްޓޭކަން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ޝާހިދު ވަނީ މި ސަރުކާރުން އަވަށްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކި ގައުމުތަކަށް ދަތުރުކޮށް ނުވަ މަސްވީއިރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ބައެއް ނުވި ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ އެހީތެރިކަމާއެކު 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމު ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދު ވެސް އެހީތެރިކަން ދެމުންދާ ކަމަށާއި، އެ ގައުމާއެކު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.