ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދު ވެސް އެހީތެރިކަން ދެމުންދާ ކަމަށާއި، އެ ގައުމާއެކު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެހީތެރިކަމާއެކު 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމު ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިގްތިސޯދީގޮތުން ކުރިއެރުން ލިބި ފައިދާތަކެއް ލިބިގެން ދާނެ ކަމަށާއި، ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
'އިންޑިއަން ގްރާންޓް އެސިސްޓެންސް'ގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާގެ ތަރައްގީގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، މި ސްކީމްގެ ދަށުން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ރީސްޓްރަކްޗާކުރުމުގައި އެ ގައުމުން ދިން ލުއިފަސޭހަކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
އަދި ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތުތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.