ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް، މެންބަރުން އިތުރު ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ފަށައިފިއެވެ.

މި ހަރަކާތާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވީ، މި މަހު ފެށި މި ހަރަކާތަކީ ޕީއެންސީއަށް ވަންނަން ބޭނުންވެފައި ތިބެ، ނުވަދެވި ތިބި މީހުން ވެއްދުމަށާ ޕާޓީއަށް މީހުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން ޑޯޓުޑޯ ޖައްސައިގެން އެ ފަރާތްތަކަށް ފޯމުތައް ފުރައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އަދުނާން ވިދާޅުވިއެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި މި ހަރަކާތް ކުރިއަށް ގެންދާކަމަށާއި އަމާޒަކީ ޕީއެންސީ އަކީ ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަށް ހެދުންކަމަށެވެ.

މީގެ އިތުރުން ޒީނާޒް ވިދާޅުވީ ދާއިރާތަކުގެ މަޖިލީސް މެންބަރުންގެ އިސްނެންގެވުމާއެކު މި ވަގުތު 12 ދާއިރާއެއްގައި މި މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިއަދު މާލެ އާއި ވިލިނގިލީގައި އެ ހަރަކާތް ފަށާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކަށް ވެސް ޓީމުތައް ގޮސް އެ މަސައްކަތް ކުރާނެ ކަމަށް ޒީނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޒީނާޒް ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތަކީ ޕާޓީގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަޝްވަރާއާއި އެކު އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ދާ މަސައްކަތެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި މިވަގުތު ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ. އެގޮތުން އެޕާޓީގައި 28،704 މެންބަރުން ރަޖިސްޓްރީވެފައިވާއިރު އަދިވެސް ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓިއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 50،980 މެންބަރުން ތިބިއިރު، ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕީއެންސީގައި 34،827 މެންބަރުން އެބަތިއްބެވެ.