ކެއްކުމުގެ އެންމެ މަޝްހޫރު އެއް ޝޯ ކަމަށްވާ "މާސްޓާ ޝެފް" ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ބައެއް ލަގްޒަރީ ރިސޯޓްތަކުގައި 30،000 އަދި 35،000 ޑޮލަރުގެ މުސާ ލިބޭ ޝެފުން އެބަތިބި ކަމަށެވެ. އަދި މިއީ ދިވެހިންނަށް ވެސް ކުރެވިދާނެ ކަމެއް ކަމަށާއި މިކަމަށް ދިވެހިން ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން "މާސްޓާ ޝެޕް" ރާއްޖޭގައި ބޭއްވުމަށް ޕީއެސްއެމްއާއެކު ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިހާރު ބައެއް ރިސޯޓްތަކުގެ ބޭފުޅުންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އެހީތެރިކަން ދޭން އެބޭފުޅުން އެއްބަސްވެފައިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ "މާސްޓާ ޝެޕް" ފަދަ ޝޯއެއް ބާއްވައިފިނަމަ، ޒުވާނުންގެ ޝައުގުވެރިކަން މިކަމަށް އުފެއްދޭނެ ކަމަށެވެ. އަދި މަތީ މަގާމުތަކުގައި ބިދޭސީން މަސައްކަތް ކުރުމުގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން އައްޔަންކުރުމަކީ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެގޮތުން މިކަން ކުރުމަށް އެންމެ އެކަށީގެންވާ އަދި ފައިދާހުރި ގޮތްތައް ހޯއްދަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިކަމަށް ޝައުގުވެރުވާ ފަރާތްތަކަށް ފުރުސަތުތައް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.