މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ސްކީމަށް މި އަހަރަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ތެރެއިން 823 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 738 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.5 ގެ އިތުރުވުމެކެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ހިދުމަތް ހޯދި މީހުންގެ ޖުމުލަ އަދަދު 260،725 ގައި ހުރިއިރު، މި އަހަރު މި އަދަދުވަނީ 265،059 އަށް އިތުރުވެފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައަށް ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދެ ކުއާޓަރު އެއްކޮށް ޖުމްލަ 1.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މި އަހަރުގެ އާސަންދައަށް ކަނޑައެޅި ބަޖެޓުގެ ބާކީ އިނީ 337 މިލިއަން ރުފިޔާއެވެ.