ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން ވަކީލަކު ހަމަޖައްސާފައި ނުވާ މީހުންނަށް ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދީފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.

ޕީޖީއިން ދައުވާކޮށްފައި ވަނީ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲގެ އިތުރުން މ. ދިމިޝްގު އުސްމާން ޝަރީފްއެވެ. އަދި މީގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް އިއްވަވަމުން ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކި ބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށް ނަދީމް ވިދާޅުވިއެވެ.

އެއާކު ޕީޖީއިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މިއަދު ހައިކޯޓުގައި ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވަކީލަކު ހަމަޖެއްސިފައި ނުވާ 4 މީހުން ވަނީ ވަކީލަކު ހަމަޖެއްސުމަށް 1 ހަފްތާގެ މުއްދަތު ދިނުމަށް އެދިފައެވެ. އެހެންކަމުން ހައިކޯޓުން ނިންމާފައި ވަނީ ވަކީލަކު ހަމަޖައްސަން ހަފްތާއެއްގެ މުއްދަތު ދިނުމަށެވެ.

ވަކީލުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވީ ޕީޖީއަށް ފުރުސަތުދީ އިސްތިއުނާފު ހުށަހެޅި ނަމަވެސް ދައްކަން ހުރި ގިނަ ވާހަކަތަކަކީ ތަކުރާރުކުރަން ޖެހިދާނެ ވާހަކަތަކެއް ކަމަށްވާތީ، މައްސަލަ ކުރިއަށް ގެންދާނީ ވަކީލުން ހަމަޖެއްސުމަށް ފުރުސަތު ދިނުމަށް ފަހުގައި ކަމަށެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ވަކީލަކު އައްޔަންކޮށް ކޯޓަށް އެކަން އަންގަންވާނެ ކަމަށާއި އެ މުއްދަތުގައި ވަކީލަކު އައްޔަންކޮށްފައި ނުވާނަމަ، ވަކީލަކު ހަމަޖައްސަން ބޭނުން ނޫންކަމަށް ބަލައި ދެން މި މައްސަލާގައި އަޑުއެހުން ބާއްވާ ތާރީހުގައި އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.