ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން ބުނީ، މި ހަރަކާތުގައި 3 ކުޅުންތެރިންގެ ޓީމުތަކުގެ ވަރުގަދަ މެޗުތައް ހިމެނޭ މުބާރާތެއް ކަމަށެވެ. ހުނަރާއި ސްޓްރެޓެޖީ އަދި ޓީމްވޯކްގެ ވަރުގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް އުރީދޫން ބުނާއިރު، އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 1919 ޑޮލަރުގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ފަށަން ހަމަޖެހިފައިވާ އިރު، ޕްލޭއޮފް މެޗުތައް ނިމޭނީ މިމަހުގެ 10 ވަނަ ދުވަހުގައި ކަަމަށް އުރީދޫން ބުނެއެވެ. އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށްވަނީ ހަމަޖެހިފައެވެ. ގޭމަރުންނާއި ސަޕޯޓަރުންނަށް ހުރިހާ މެޗުތަކެއް ލައިވްކޮށް ބަލާލެވޭނެއެވެ.

މި އިވެންޓަކީ އުރީދޫ ނޭޝަންގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. އަދި މި މުބާރާތަކީ އީސްޕޯޓްސް ކޮމިއުނިޓީއެއް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތަކަށް ދުނިޔޭގެ މައިދާނުގައި ވާދަކުރެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ އަޒުމުގައި ބާއްވާ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ރާއްޖެ އަދި ގަތަރުގެ ޓީމުތަކުގެ މެދުގައި ބޭއްވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. މިއީ ކުރިއަރަމުން އަންނަ އީސްޕޯޓްސް ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، މި ކޮމިއުނިޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ގަތަރާ ދެމެދު އޮތް އެކުވެރިކަމުގެ ވާދަވެރިކަމުގެ ރޫހާއި، ހިތްގައިމު ގޭމްޕްލޭއެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ބައިވެރިވާ ޓީމުތަކުގެ ހުނަރުވެރިކަމާއި ޑެޑިކޭޝަނަށް މި މުބާރާތުގެ ތެރެއިން ފެނިގެންދާނެއެވެ. އަދި މިއީ އުރީދޫއިން ގެނެސްދޭ ޑިޖިޓަލް އިނޮވޭޝަން އަދި ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫން ކުރާ މަސައްކަތްތަކުގެ ވެސް ހެއްކެކެވެ. އެކި ސަރަޙައްދުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެއްތަނަކަށް ގެނެސް، އުރީދޫން އަންނަނީ އީސްޕޯޓްސްގެ ދުނިޔޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.