ގާނޫނުއަސާސީ އިސްލާހުކުރެވެން މިހާރު އޮންނަ އުސޫލު ހަރުކަށިކުރަން ޖެހޭ ކަމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި އިންޝުއަރެންސް ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި ހާއްސަ މަޖިލީހުގެ މެންބަރުން އެއްކޮށް ތިބެން ޖެހޭ ކަމަށާއި އެކަމުން ވެސް އަންގައިދެނީ ގާނޫނުއަސާސީގެ މުހިންމުކަން ކަމަށެވެ.

"އެހެންނޫން ކަމުގައި ވަނީ ވިއްޔާ ވަރަށް ފަސޭހައިން 75 ޕަސެންޓު މި ރައްޔިތުންގެ މަޖިލީހުގަ ތިބި މެންބަރުންގެ އަދަދުން ލިބޭ ވޯޓަކުން ގާނޫނުއަސާސީ ބަދަލުކުރެވޭ ކަމަށް ވަންޏާ އޭގަ ހުރި ނުރަނގަޅު ކަންތައްތަކެއް ވެސް އަތުވެދާނެ ކަމާ މެދު ވިސްނާލަން ޖެހޭނެ،" މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލުމަށް އައްޔަންކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ގާސިމް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި ގިރާކުރަން ޖެހޭ ގިނަ ހަރުފަތްތަކެއް އެބަހުއްޓެވެ.

ގާނޫނުއަސާސީ އިސްލާހުކުރެވެން އޮންނަ އުސޫލު ހަރުކަށިކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވީ، ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން އަސާސީ ހައްގުތަކަށް ބަދަލު ގެނައުމުން އާންމުން ބޭނުންނުވާ ފަދަ ބަދަލުތައް ނުގެނެވޭނެ ފަދަ ގޮތަކަށް ހެދުމަށް ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އެއަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގައެވެ.